އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލައިގައި އެމެރިކާއާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ، އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވާނީ ކިހިނެއްކަން ސާފުކޮށް އެނގެން ޖެހޭކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ މިހެން ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭ ގޮތުން އެމެރިކާއަށް ޤަބޫލުކުރެވޭ މިންގަނޑަކަށް އެމެރިކާއިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްއެއް އީރާނަށް ހުށަހަޅާފައިވަނިކޮށެވެ. އެހެންނަމަވެސް އެމެރިކާގެ ހުށަހެޅުމަކީ ގަބޫލުކުރެވޭނެ ހުށަހެޅުމެއް ނޫންކަމަށް ނިންމައި، ހުށަހެޅުން ދޫކޮށްލަން އީރާނުން ތައްޔާރުވަމުން އަންނަކަމށް މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.
އީރާނާއި އެމެރިކާއިން މިހާރު ހަތް ހަފްތާ ވަންދެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެމެރިކާއިން ބޭނުންވާ ޔަގީންކަމަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގޭ ރައްކާތެރި ޕްރޮގްރާމެއްކަން ކަށަވަރުކޮށްދިނުމެވެ. އީރާނުން ބޭނުންވަނީ އެގައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.
އެމެރިކާއިން ކަންތައްތަކެއް ހުށަހެޅިނަމަވެސް، އީރާނުން ޑިމާންޑުކުރަނީ އެ ހުށަހަޅާ ކަންކަމުގެ ތަފްސީލަށާއި، އެކަމުން ނިކުންނާނެ ނަތީޖާތަކުގެ ތަފްސީލަށެވެ. އެމެރިކާގެ ހުށަހެޅުންތަކަށް ފާރަވެރިވާން އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވެސް ވަނީ ކުރިން ގޮވާލައްވާފައެވެ.
އެމެރިކާއިން އީރާނުގެ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުދެއެވެ. އަދި ސުލްހަވެރި ބޭނުންތަކަށް އީރާނުން ޔޫރޭނިއަމް ފައްކާކުރަމުންދާނެކަމަށް އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިއުލާންކުރެއްވިއެވެ. އަނެއްކޮޅުން އީރާން މަޝްވަރާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވަނީ ތެހެރާނުން ޔޫރޭނިއަމް އިތުރަށް ފައްކާކުރުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމަށެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި