ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމައުއެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެމަނިކުފާނަށް އެވޯޑެއް އަރުވައިފިއެވެ.

ރައީސް މުއިއްޒަށް އެ އެވޯޑު އެރުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމްގެ އެވޯޑު ރައީސް މުއިއްޒާ ހަވާލު ކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދުއެވެ.

މި އެވޯޑް، އިއުލާނއ ކުރައްވާފައިވަނީ، ރައީސް މުއިއްޒު، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑަރޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތަޢާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާރީފުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ތަންފީޒުކުރައްވާ ސިޔާސަތުތަކާއި، ގެންނަވާފައި ހުރި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވުމުން، ދިވެހި ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުންވެސް އެ ޖަމިއްޔާއިން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލްވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަކުރައްވާ ގޮތުގައި، މި މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫނެވެ. މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ގައުމުތަކަށްވެސް ވަރަށް ހަރުދަނާ ނަމޫނާއެކެވެ. މިރޮނގުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމިއްޔާއިން ސިފަކޮށްފައިވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގައެވެ.