މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ މާބަނޑު މަރުވި މައްސަލާގައި ސައިކަލު ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފަހައްޓަން އެ ހާދިސާ ހިނގިތާ 10 އަހަރު ފަހުން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެބްރުއަރީ 2015 ގައި މާލޭގައި ސައިކަލުން ޖެހި ހއ. ހޯރަފުށްޓަށް ނިސްބަތްވާ މާބަނޑު އަންހެނަކު މަރުވިއިރު އޭނާގެ ބަނޑަށް ދޮޅު މަހެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ސައިކަލު ދުއްވި ސ. މީދޫ އިރަސްމެކުގޭ އަލީ އާލިމްގެ މައްޗަށެވެ.

ލައިސަންސް ނެތި ސައިކަލު ދުއްވާފައިވާތީ, އޭނާގެ މައްޗަށް ދައުލަތުން ކުރީ އެއްގަމު އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ އެވެ. ނަމަވެސް އާލިމްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ އެކްސިޑެންޓްގައި އަންހެން މީހާ މަރުވުމުގެ ޒިންމާ އާލިމް ނަގަން ޖެހޭ ކަމަށެވެ. އެހެންވެ އިސްލާމީ ޝަރީއަތުގެ ދަށުން ދޭން ޖެހޭ މަރުގެ ދިޔައާ މެދު އަންހެން މީހާގެ ވާރިސުންގެ ބަހެއް ހޯދުމަށް ފަހު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، އާލިމްގެ ލައިސަންސް 10 އަހަރު ވަންދެން ހިފެހެއްޓުމަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ހުކުމުގައި އެންގި އެވެ.