ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ދޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށް ކަމަށާއި މި ސަރުކާރުން އިތުރު ދާއިމީ ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.
މި ފްލެޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާއި އަދި ދާއިމީ ލިސްޓުވެސް އޮތީ އެމްޑީޕީގެ ސަރުކާރުގައި ނެރެފައެވެ. ވަގުތީ ނަމަވެސް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އަންގައިފައެވެ.
އޭގެފަހުން ވޭތުވެދިޔަ 14 މަސް ތެރޭގައި ފްލެޓު ލިބޭނެ ކަމަށް ލިސްޓުގައި ބަޔާން ކޮށްފައިވާ ފަރާތްތަކުން ވަނީ ފްލެޓުތައް ހަވާލު ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކި ފަހަރުތައް މަތިން އޭސީސީ އާއި ހައުސިން މިނިސްޓްރީ އަށް ގޮސް ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ސަރުކާރުން 4،000 ފްލެޓާއި ގުޅޭ ދާއިމީ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ. ފްލެޓުތައް ދޭނީ ކުރީ ސަރުކާރުން 2023ވަނަ އަހަރު ނެރެފައިވާ ލިސްޓަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފްލެޓުތައް ދޭނީ ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނި ކުރުމަށްފަހު ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ދެމަފިރިންގެ ތެރެއަށް އެކަކަށް ފްލެޓު އަނެކަކަށް ގޯތި ލިބިފައިވާ ނަމަ ކޮންމެވެސް އެކަކު އެއްތަން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.