ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް މީގެކުރިން ނުހުއްޓުވި އޮތީ، މީގެކުރީގެ ސަރުކާރުތަކުން އެކަން ހައްލު ކުރުމަށް "ޕޮލިޓިކަލް ވިލް" ނެތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަސްދީގު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ގޭންގުތަކަށް ނުވަތަ އެފަދަ މީހުންނަށް ދީލާލަނީ ސަރުކާރުތަކުގެ އަމިއްލަ މަސްލަހަތު ކަމަށެވެ.
މީގެކުރިން ފެނުނު ތަނެއް މި ސަރުކާރުގެ ތެރެއިން ނުފެންނާނެ ކަމަށާއި އެކަން ބަދަލުވެގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
"އަޅުގަނޑު ބޭނުން ވަނީ ހަގީގީ މާނާގައި އިހްލާސްތެރިކަމާއެކު ގައުމުގައި ހުރި މިކަހަލަ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން. މިކަމުގައި އަޅުގަނޑު ކުރިން ދެންނެވި ގޮތަށް އަޅުގަނޑު ބޭނުންވަނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން،" ރައީސް ވިދާޅުވިއެވެ.
އެ ބިލުގައި ބަޔާންކޮށްފައިވާ ސިފަތަކާއި ކަންކަން ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެފަރާތެއް އެއީ ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހ،ު އެފަދަ ފަރާތްތަކާއި ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތުކުރުން ވަނީ މަނާ ކަމެއް ކަމުގައި ކަނޑައަޅައިފައެވެ.
އެހެންކަމުން އެ ބޭނުމަށްޓަކައ،ި އެފަދަ ފަރާތްތައް އެއީ ކޮންބައެއްކަން ރައްޔިތުންނަށާއި އަދި ދިވެހިރާއްޖެއިން ބައިނަލް އަގުވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެނިހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފޮޓޯ ހިމެނޭހެން އެފަރާތުގެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ބިލުގައިވެއެވެ.
ގޭންގު މެންބަރެއް އަދި ގޭންގެއްގެ ލީޑަރެއް ކަމުގައި ކަނޑައަޅަނީ އެކަމަށް ހާއްސަ ސަލާމަތީ ކޮމެޓީއަކުންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް އާއި ޗީފް އޮފް ޑިފެންސް ފޯސް ހިމެނެއެވެ. އަދި ފުލުހުންނާއި ސިފައިންގެ އިންޓަލިޖެންސްގެ ވެރިޔާވެސް އެ ކޮމެޓީގައި ހިމެނެއެވެ.
ގޭންގު މެންބަރުންގެ ލިސްޓުގައި ހިމެނޭ މައުލޫމާތު ކޮންމެ ހަމަހަކުން މުރާޖާ ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.