މި ސަރުކާރުން މަސައްކަތް ކުރަނީ އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް, މާލެއަށް ބާރުތައް ޖަމާކުރަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލަށް ކޮންމެ އަހަރަކު ދައުލަތުން ދޭ ބަޖެޓުން ވަކިވަކި ރަށްތަކަށް ބަހާލުމަށްފަހު އެރަށަށް ލިބޭ ބަޖެޓް ހޭދަކުރުމުގެ ބާރު އެރަށަކަށް ލިބޭ ގޮތަށް ބަދަލުކުރަން ރަށްރަށުން ބޭނުންވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ އެ ހުރިހާ ކަމެއްގެ ހުއްދަ ސަރުކާރުން ދޭންޖެހޭ ގޮތަށް ކައުންސިލްތައް ބައިބައި ކުރަން ކަމަށާއި ނަމަވެސް އެއީ ކައުންސިލްތަކުން ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ލިބުނީމަ ރަށުގައި ތިބެގެން ފަސޭހައިން ހިންގެން އެބައޮތޭ. ރައްޔިތުންނަށް ހިދުމަތް ދެވެން އެބައޮތޭ. އެ ވާހަކަ ރައްޔިތުން މި ބުނަނީ. ބުނީމަ މިހާރު މިހިރަ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަނީ އެހެން މަންޒަރެއް. އެ ހުރިހާ ބާރެއް މާލެ ގެނެސްފައި, ތިމަން މަނިކުފާނޭ މި ބުނާ ގަސް ވެސް އިންދަން ހުއްދަ ދޭނީ, ތިމަން މަނިކުފާނޭ މި ބުނާ ލައިޓް ގަންނަން ވެސް ހުއްދަ ދޭނީ. ހަމަ ކުރީގައި އޮތް މުސްކުޅި ބޯދާ ޒަމާނުގައި އެ އޮތް ގޮތަށް މިތަން ބަދަލުކުރާ ވާހަކަ މި ދައްކަނީ." ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހަކީ ރައްޔިތުންނާ ގުޅުންހުރި ބަދަލެއް ކަމަށް ވިޔަސް, އެ ބަދަލު ގެނައި ގޮތުން ކައުންސިލްތަކުގެ ބާރުވެރިކަން ގެއްލި, ބައިބައިވެގެންދާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ އެކަންކަން ރައްޔިތުންނަށް އޮޅުވާލައިގެން ނަމެއްގައި ބަދަލުތަކެއް ގެންނަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ވެސް ނުބާއްވަން ނިންމީ ކައުންސިލްތަކުގެ ބާރުވެރިކަން ދޫކޮށް, ބާރުތައް ޖަމާކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައި އިލެކްޝަން ނުބާއްވާ ގޮތަށް, ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިލެކްޝަނާ ދޭތެރޭގައި އިތުރު ބައި އިލެކްޝަނެއް ނުބާއްވާ ގޮތަށް އެ ނިންމީ." ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން ދެން ވޯޓު ނުދޭނެ ކަމަށާއި މި ސަރުކާރުން އެއްވެސް ކަމެއްގައި ތެދެއް ނަހަދާނެކަން ރައްޔިތުން މިހާރު ގަބޫލު ކޮށްފައިވާ ކަމަށެވެ. އަދި ދެން އޮންނަ އިންތިހާބެއްގައި ރައްޔިތުން އެކަން ވޯޓުން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.