އުމުރު ހަމަނުވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބިލަކީ، 13 މޭ 2025 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން، އަދި މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފައެވެ. މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.
އެ ބިލުގައި 2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ސިނގަރޭޓު ނުވިއްކޭއިރު އުމުރުން 21 އަހަރުނުވާ މީހަކަށް ވެސް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެކެވެ.
އެފަދަ ބާވަތެެއް އުފެއްދުމާއި ވިއްކުމުގައި ވެސް 2007އިން ފެށިގެން އުފަންވެފައިވާ މީހުންނާއި އުމުރުން 21 އަހަރުވެފައިވާ މީހުން ބައިވެރި ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް ބިލުގައިވެއެވެ.
މިފަދަ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއްކަން އަންގައި ދިނުމުގެ ގޮތުން ހާއްސަ ލިޔުމެއް ނުވަތަ ބޯޑެއް ބަހައްޓަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.
މި ބިލަކީ ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ބިލެކެވެ. 2007ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ކުރުމަކީ ކެބިނެޓުން ނިންމާފައިވާ ނިންމުމެކެވެ. ކެބިނެޓުން އެ ނިންމުން ނިންމުމުގެ ކުރިން ރައީސް ވަނީ ސޯޝަލް މީޑިއާގައި އާއްމުން ޝާމިލްވާނެހެން އެކަމަށް ހާއްސަ ޕޯލެއް ނަގައިފައެވެ.
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ގޮވާލައްވާފައެވެ.