ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ވަކިކުރުމާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވޯޓު ދިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި އެ ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފައެވެ. ޖޭއެސްސީގައި އެކަމާ ދެކޮޅަށް ވޯޓު ދިނީ ޖޭއެސްސީގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ.

އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު, އެ މައްސަލަ މިހާރު އޮތީ މައްސަލަ ބެލުމާ މެދު ގޮތެއް ނިިންމާ ކޮމެޓީގަ އެވެ. އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާނީ މައި ކޮމިޝަނުންނެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. ނަމަވެސް ޖޭއެސްސީގެ އެ ނިންމުމާ މެދު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަހާޒާއި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ފެބްރުއަރީ މަހު ޖޭއެސްސީ އިން ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން އޭރު ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ވަކިވާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށެވެ