ރާއްޖޭގެ އުތުރުގައި ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ފަށައި، ސްރީލަންކާގެ ކޮލަންބޯ އިން ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ބޯޓަކަށް ހިދުމަތް ދޭން ފެށީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ އެއިޓް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށްގެން ފެށި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ ވައިސީ ބެރިއާއަށެވެ. މިއީ އެމްއެސްއެސްގެ ބޯޓެކެވެ.
ބަންކަރިންގެ ހިދުމަތަށް ގާތްގަނޑަކަށް ދެ އަހަރުވާން ކައިރިވެފައިވާއިރު އެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ އެ ހިދުމަތާއި ގުޅޭ ގޮތުން އެ ކުންފުނީގެ 2024ވަނަ އަހަރުގެ އާއްމު ޖަލްސާގައި ވާހަކަދައްކަވައިފައެވެ.
ޝިމާދު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ބަންކަރިންގެ ހިދުމަތުން 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިން 124 މިލިއަން ރުފިޔާގެ އާމްދަނީ މިހާތަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެތެރޭގައި ރާއްޖެއަށް ދާދިފަހުން އައިސްފައިވާ ކްރޫޒްލައިނާއެއް ވެސް ހިމެނެއެވެ. އެ ކްރޫޒްލައިނާއަށް ވެސް 1،200 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
މިއީ ބަންކަރިންގެ ހިދުމަތް ފެށި ދުވަހު ޝިމާދު ވިދާޅުވި އަމާޒަށް ވާސިލްވެވޭނެ ކަމުގެ ހެއްކެކެވެ. އެ ދުވަހު ޝިމާދު ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އަމާޒަކީ ބޮޑު ފައިދާއެއް އެކަމުން ލިބޭނެ ލަގްޒަރީ އުޅަނދުތަކަށް ބަންކަރިންގެ ހިދުމަތް ދިނުން ކަމަށެވެ.
ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި 2024ވަނަ އަހަރުގެ މާޗު މަހު ވަނީ ސޮއިކޮށްފައެވެ. އެ ކުންފުންޏަކީ މިހާރުވެސް ބޮޑެތި ބައެއް ގައުމުތަކުގައި ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.