ގިނަ އަދަދެއްގެ ޑުރަގާއި ފައިސާއާއެކު ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ އިއްޔެ އާއި މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބައެކެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ޖުމްލަ ހަތް ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ އޮޕަރޭޝަނެއްގައި ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމެވެ. މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެއެވެ. އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު:

  • ގއ. ދާންދޫ / ބޯގަންވިލާ، ހަސަން އަލީ (26އ)
  • ޅ. ކުރެންދޫ / މެދުރިގެ، މުހައްމަދު އަލީޝް އަހްމަދު (28އ)
  • ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުހައްމަދު (26އ)
  • ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުހައްމަދު ޒަކީ (28އ)
  • ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާއީލް ވަހީދު (18އ)
  • އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ)

މި އެންމެންގެ ބަންދުގެ މުއްދަތު ވެސް މިހާރު ކްރިމިނަލް ކޯޓުން ވަނީ އިތުރު ކޮށްދީފައެވެ. އެގޮތުން ޖައިލަމްގެ ބަންދަށް ފަސް ދުވަސް ޖަހާދީފައިވާއިރު މައިޝަމް އާއި ޝަޔާންގެ ބަންދަށް 10 ދުވަސް އަދި އަލީޝް އާއި ވަލީދުގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.