ޕާކިސްތާނާއި ދެމެދު އޮތް ހާލަތު އިތުރަށް ގޯސް ކުރުމުގެ ވިސްނުމަކީ އިންޑިއާ އިން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް އެގައުމުން މިއަދު ބުނެފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ނެރުއްވި ސްޓޭޓްމަންޓެއްގައި މިއަދު ވިދާޅުވީ އެގައުމުން އިޖާބަ ދެނީ، އިބްތިދާއީ ހަމަނުޖެހުންތަކަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޖަވާބަކީ ފޯކަސްކޮށް، ސައްހަ، މެނޭޖްކޮށް، ހިސާބު ކުރެވިފައި ހުރި ޖަވާބެއް،" ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާ އިން ޕާކިސްތާނުގެ އެއްވެސް އަސްކަރީ ތަނަކަށް އަމާޒު ނުކުރާނެ ކަމަށާއި ހަމަލާތައް އަމާޒު ކުރާނީ އެގައުމުގައި ހުންނަ ޓެރަރިސްޓު މަރުކަޒުތަކަށް ކަމަށެވެ.
ޕާކިސްތާނުން މަސައްކަތް ކުރަނީ ޓެރަރިޒަމްގެ އަމަލުތަކުން އެގައުމުގެ އަތެއް ނުވާކަން ދައްކަން ކަމަށާއި ޕާކިސްތާނުގައި ޓެރަރިސްޓުން ނެތް ކަމަށް އެގައުމުން ވެސް ހުދު ބުނެފައިވާ ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.
"އަޅުގަނޑު އިއްޔެ ދެންނެވި ބައެއް ވާހަކަތައް ތަކުރާރުކުރިޔަސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދުނިޔޭގެ ޓެރަރިޒަމްގެ މައި މަރުކަޒުގެ ގޮތުގައި ޕާކިސްތާނަށް އޮތް ދަރަޖަ ބިނާވެފައި ވަނީ، ހަމައެކަނި އިންޑިޔާއަށް ނޫނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުތަކަށާއި، ކަމާބެހޭ ފަރާތްތަކަށާއި، އެޖެންސީތަކަށްވެސް، ހަރުދަނާ ހެކިތަކެއް ހުރި އެތައް މައްސަލަތަކެއްގެ މައްޗަށް،" އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ އެތައް އަހަރެއް ވަންދެން ޕާކިސްތާނުން އިންޑިޔާއާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައު އަށް އޮޅުވާލުމަށްޓަކައި، ޓެރަރިސްޓް ސާޖިދު މީރު މަރުވެއްޖެ ކަމަށް ޕާކިސްތާނުން ދޮގު ހަބަރުތައް ދީފައިވާ ކަމަށާއި ޕްރެޝަރުތައް ކުރިމަތިވުމުން ސާޖިދު މީރު ހަގީގަތުގައި ދިރިހުރި ކަމަށާއި އަދި ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ މިހާރު ހުރީ ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް ޕާކިސްތާނުން ބުނެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނަކީ އދ އިން ކަނޑައަޅާފައިވާ ޓެރަރިސްޓުންގެ އިތުރުން ލަޝްކަރު-އޭ-ތައިބާ އާއި ޖައިޝް-އޭ-މުހައްމަދު ގެ އިތުރުން އެ ގައުމުތަކުގެ ލީޑަރުން ކަމަށްވާ މަސްއޫދު އަޒްހަރާއި ހާފިޒް މުހައްމަދު ސައީދު ފަދަ އެހެން ގައުމުތަކުން ވެސް ލިސްޓުކޮށްފައިވާ ޓެރަރިސްޓުން ވެސް ތިބި ގައުމެއް ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.