އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މަގާމުން ވަކިކުރުމަށް އެދި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ގާނޫނުއަސާސީން މިނިސްޓަރާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އޭނާ ފެއިލްވެފައިވާ ކަމަށާއި، މަޖިލީހަށް ޖަވާބުދާރީވުމުގައި އިހުމާލުވެ، ވަޒީރުންނަށް މަނާކޮށްފައިވާ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު އިންތިހާއަށް މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑުވުމާއި، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އިހުމާލުވުން ހިމެނެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ސުވާލުތަކަށް ހުރަސްއެޅުމާއި، އަމިއްލަ ވިޔަފާރިތަކަށް ލިބެންޖެހޭ ހިމާޔަތް ހޯދައިނުދެވުމުގެ އިތުރުން، އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ގައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމަށްވެސް ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބުނެ އިއުލާންކުރި ބިޔަ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރަމުން، ބަންކަރިން ހިދުމަތުން ލިބޭނެ ކަމަށް ބުނި 400 މިލިއަން ޑޮލަރު ނުލިބުމާއި، އިކޮނޮމިކް ގޭޓްވޭ އާއި ޑިވެލޮޕްމެންޓް ބޭންކް ފަދަ މުހިންމު މަސައްކަތްތައް ނުފެށި އޮތްކަން އެމްޑީޕީން ފާހަގަކުރެއެވެ.

އަދި މަޖިލީހުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވައި، ސިޔާސީ ވާހަކަތަކުން ޒިންމާއިން ރެކިވަޑައިގަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރު ކުންފުނިތައް މާކެޓަށް ވައްދައި އާންމު ވިޔަފާރިތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

އަދި އެސްއީޒެޑް ގާނޫނަށް ގެނައި 'ޓައުންޝިޕް' މަފްހޫމުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދޫކޮށް، ބޮޑެތި ޓެކްސް އިނާޔަތްތަކެއް ދިނުމަކީ ދައުލަތުގެ އާމްދަނީއަށާއި ސަރަހައްދީ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ.