މިދިޔަ މަހުގެ 18ވަނަ ދުވަހު މާލޭގެ ގެއަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބަންދުގައި ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުއާ ސުވާލުކޮށްފިއެވެ.

މިއީ އެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކާއި ސުވާލުކުރި ފުރަތަމަ ފަހަރެވެ. އެކަން ހާމަކުރީ އެ ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ކޮމިޝަނުން ބުނީ މައްސަލައާ ގުޅުންހުރި ބައެއް ތަންތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛

(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން؛

(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛

(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛

(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛

(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.