ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން ފައިސާގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާވެސް އެގައުމުން ފަސްކޮށްދީފިއެވެ.
މި ފައިސާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިންޑިއާ އިން ދިން 200 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓެކެވެ. މީގެތެރެއިން 50 މިލިއަން ޑޮލަރު ނޫނީ ދެން ހުރި 150 މިލިއަން ޑޮލަރަކީ ރާއްޖޭން އަނބުރާ ދައްކަން ޖެހޭ ފައިސާއެވެ.
މި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ސަރުކާރުން ވަނީ ދައްކައިފައެވެ. ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން ވަނީ އެއް އަހަރު ދުވަހަށް ފަސްކޮށްދީފައެވެ. އިތުރު ކޮށްދިން އެ މުއްދަތު މިމަހަށް ހަމަވާނެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެކަން ހަމަޖެހިގެން ދިޔައީ އިންޑިއާ ސަރުކާރުގެ ހާއްސަ އިންތިޒާމެއްގެ ތެރެއިން ކަމަށެވެ.
ރާއްޖެއަކީ އިންޑިޔާގެ ކަނޑުގެ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިޔާގެ "ނެއިބަރހުޑް ފަސްޓް" ޕޮލިސީ އާއި ވިޝަން "މަހާސަގަރް" ގެ މުހިންމު ބައިވެރިއެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
"އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، މި ޓްރެޜަރީ ބިލުގެ ސަބްސްކްރިޕްޝަނާއި، ރާއްޖެއަށް ޒަރޫރީ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހާއްސަ ކޯޓާގެ މުއްދަތު މިއަހަރުގެ ތެރޭގައި އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމާއެކު، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާއިން ދެމުން ގެންދާ އެއްބާރުލުން ދައްކުވައިދެއެވެ،" އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް މިހާރު އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.