އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމު އަނެއް ގައުމަށް ދެމުން ދިޔަ ހަމަލާތައް ހުއްޓާލަން އެ ދެ ގައުމުން ވެސް އެއްބަސްވެއްޖެއެވެ.

އެ ދެ ގައުމުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާކަން އެންމެ ފުރަތަމަ މީޑިއާތަކަށް ހާމަ ކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމުގެ މެދުވެރިއެއްގެ ރޯލު ކުޅުނީ އެމެރިކާ އިން ކަމަށެވެ.

"ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް އެއްކޮށް އަދި ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެކަން އުފަލާ އެކު އިއުލާނުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާގެ ބައެއް އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވެފައި ވަނީ އެ މަޝްވަރާތަކަކީ ސީދާ އެ ދެގައުމުން އިސް ނަގައިގެން ކޮށްފައިވާ މަޝްވަރާތަކެއް ކަމަށެވެ. ހަމަލާތައް ހުއްޓާލިކަން ދެގައުމުގެ އިސް އޮފިޝަލުން ވެސް ކަށަވަރު ކޮށްދެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރް ސޯޝަލް މީޑިއާގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުން މިއަދު ވަނީ ހަމަލާތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމާ މެދު އެއްގަލަކަށް އަރާފައި ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން އަބަދުވެސް ހަމަލާދޭނީ ޓެރަރިސްޓުންނަށް ކަމަށެވެ. އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ދާން އެގައުމުން ބޭނުން ނުވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ޕާކިސްތާނުގެ ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރު ފަހު އިންޑިއާގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާކިސްތާނަކީ އަބަދުވެސް ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން އިސްކުރާ، ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރާ ގައުމެއް ކަމަށެވެ.

މި ހަމަލާތައް ހުއްޓާލުމުން ދެގައުމުގެ އާއްމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް ވަނީ ހަމަޖެހުން ލިބިފައެވެ.