ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނަމުންދާތީ، އެކަންކަމާ މެދު ޖަވާބުދާރީވުމަށް ޖޭއެސްސީގެ މެމްބަރުންނާއި ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނެގި ވޯޓު ނާކާމިޔާބުވެއްޖެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި ޖޭއެސްސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މައުރޫފް ޒާކިރެވެ. އޭނާގެ އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އެ ކޮމިޓީގައި ދެން އިންނަވާ އެމްޑީޕީ މެމްބަރު، އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލެވެ. އެ ދެ މެންބަރުންނަކި 11 މެމްބަރުން ހިމެނޭ ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން އެ ހުށަހެޅުން ފާސްކުރަން ވޯޓު ދެއްވީ އެ ދެ މެމްބަރުން އެކަންޏެވެ. އެ ހުށަހެޅުން ފާސްކުރުމާ ދެކޮޅަށް ޕީއެންސީގެ ހަތް މެމްބަރުން ވޯޓު ދެއްވިއެވެ.

ކޮމިޓީން މިގޮތަށް ފާސްވެފައި މި ވަނީ އަޒްމިރަލްދާ މަޖިލީހުގައި ޖަވާބުދާރީވާން އެދިފައިވަނިކޮށެވެ. އަދި އަޒްމިރަލްދާގެ ނުފޫޒު ނުފޯރުވި ކަމަށް ބުނާ ދަށު ކޯޓުގެ ފަނޑިޔާރުން، އެފަދަ ނުފޫޒެއް ނުފޯރުވާ ކަމަށް އެ ފަނޑިޔާރުން ޖޭއެސްސީގެ ތަހުގީގަށް ބަޔާންދީފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު-- ފޮޓޯ/ ހަތާވީސް

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނާ މައްސަލައެކެވެ.

މިއަދުގެ ބައްދަލުވުން މެދުކަނޑާލީ ކުއްލިއަކަށް

މިއަދު ހެނދުނު 10:30 ފެށިގެން ކުރިއަށް ގެންދިޔަ ޖުޑިޝަރީގެ ކޮމިޓީގެ ބައްދަލުވުން މިއަދު ހަވީރު 4 ޖެހިފަހުން ނިންމާލީ ކުއްލިއަކަށެވެ. ފަނޑިޔާރު އަޒްމިރަލްދާ އާއި ޖޭއެސްސީ ހާޒިރު ކުރަން ނުފެންނަ ކަމަށް ކޮމިޓީން ފާސްކުރުމާ ގުޅިގެން، އިތުރު ހުށަހެޅުމެއް މައުރޫފް ހުށަހަޅުއްވަން އުޅުއްވަނިކޮށް، ކޮމިޓީ މުގައްރިރު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރާކު އިދާރި މޭޒާ މަޝްވަރާ ކުރެއްވުމަށްފަހު، 15 މިނެޓުގެ ބްރޭކެއް ނެންގެވިއެވެ.

އަދި އެއްފަހު އަލުން ކޮމިޓީ ފެށުމަށްފަހު ކޮމިޓީން ނިންމީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާނީ ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (ކ-2)— ފޮޓޯ/ މަޖިލިސް