ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ 'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ގައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ގައުމަކީ އެސްޓޯނިއާކަމުގައި ފާހަގަކުރައްވައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި އެމަނިކުފާނު އެގައުމުގެ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެ ގޮތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ގާއިމުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ހިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހެދުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ސައިބާ ސެކިއުރިޓީ ރަނގަޅުކޮށް، ހިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަށާޖެހޭ، މާނަހުރި، ދެމެހެއްޓިނިވި ތަރައްގީ ހާސިލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި އުމްރާނީ ތަރައްގީގެ އިތުރުން މުޖުތަމައުގެ ކަންކަން ރަނގަޅުކޮށް 'ގުޑް ގަވަރނަންސް'ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްތައްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާހަމައަށްދާއިރު ބަދަލުކުރުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.