ރާއްޖެއަށް ބޭނުންވާ މުހިއްމު ބޭސްތައް ދަތިކަމެއް ނެތި ހޯދުމަށް އަވައްޓެރި އިންޑިއާގެ ކުންފުންޏަކާއެކު އެސްޓީއޯ އިން ސޮއިކޮށްފިއެވެ.

އެސްޓީއޯ އިން ސޮއިކުރި އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެކެވެ.

އެ އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ ކަމަށާއި މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެޗްއެލްއެލް އާއެކު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެ އެއްބަސްވުމުން ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީހެއްގެ މައްޗަށް ކަމަށާއި އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެޗްއެލްއެލް ލައިފްކެއަރ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތު ކޮށްދީފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.