ސަރުކާރަށް ދޮޅު އަހަރުވީއިރު ވެސް ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ އަދަދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ވިދާޅެއް ނުވިއެވެ.

"އަޅުގަނޑު ތި މައުލޫމާތު ލިބުނުހާ އަވަހަށް ހިއްސާކޮށްދޭނަން،" ހެނދުނުން ފެށިގެން މިއަދު ހަވީރާ ހަމައަށް ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 700އަށް ވުރެ އިތުރު ނުުކުރައްވާނެ ކަމަށް ވިދާޅުވެ، ވައުދުވެވަޑައިގެން ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މި ސަރުކާރުން މިހާތަނަށް ސިޔާސީ މަގާމުތަކުގެ އަދަދު ވިދާޅެއްނުވެއެވެ.

މި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ސިޔާސީ މަގާމުތަކުގެ އަދަދުތަކާއި އެ މަގާމުތަކަށް ކުރާ ހަރަދު ވަނީ އުނިކޮށްފައެވެ.

ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 248 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ މަގާމުތަކުން ވަކިކުރި މީހުންގެ ނަންތައް ހޯދުމަށް އެދުމުން، އެކަމަށް ރައީސް އޮފީހުން ވަނީ އިންކާރުކޮށްފައެވެ. އަދި އެ މައުލުމާތު ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރި އަމުރާ ހިލާފުވެ، އެ މައްސަލަ ރައީސް އޮފީހުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.

ރައީސް ނޫސްވެރިންނާ ބައްދަލު ކުރެއްވީ 476 ދުވަސް ފަހުން

ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. ރައީސް ޗައިނާ ދަތުރުފުޅަށް ފަހު ބައެއް މީޑިއާތަކަށް ދައުވަތު ދީގެން، އެއާޕޯޓުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މިއަދު ނޫސްވެރިންނާ އެމަނިކުފާނު ބައްދަލު މި ކުރެއްވީ އެއް އަހަރާއި ތިން މަސް ދުވަހާއި 20 ދުވަސް ފަހުންނެވެ.

މި ސަރުކާރުގައި އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރެއްވީ ތިން ފަހަރުއެވެ. އެއީ ތުރުކީ އާއި ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށްފަހު، ޑިސެންބަރު 3، 2023ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ކެބިނެޓް ބައެއް ނިންމުންތަކާ ގުޅޭ ގޮތުން ޑިސެންބަރު 5، 2023،ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ.