އަހަރަށް ވުރެ ގިނަ ދުވަހަށްފަހު، ނޫސްވެރިންނާ ބައްދަލުކޮށް، ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ގަޑިއިރުގެ ޕްރެޒެންޓޭޝަނެއް މިއަދު ދެއްވައިފިއެވެ.
މިއަދު ހެނދުނު 10:00ގައި ރައީސް އޮފީހުގައި ފެއްޓެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް ދެއްވި ޕްރެޒެންޓޭޝަން ނިންމަވާލެއްވީ މެންދުރު ނަމާދަށް ބަންގި ގޮވިފަހުން މިއަދު 12 ޖެހި ފަހުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ގަޑިއިރުގެ ޕްރެޒެންޓޭޝަން ރައީސް ދެއްވުމުން އެތަނަށް ދިޔަ ނޫސްވެރިން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށް، "އެކްސް"ގައި ޕޯސްޓްކޮށްފައެވެ.
ރައީސްގެ ޕްރެސް ކޮންފަރެންސަށް ރައީސް އޮފީހަށް ވަޑައިގެން ހުންނެވި މީޑިއާ ކައުންސިލް މެމްބަރު އަދި ދިޔަރެސް ނޫހުގެ ނޫސްވެރިޔާ ނަހުދާ ފާއިޒު "އެކްސް"ގައި ވަނީ ރައީސް ނޫސްވެރިންނާ ބައްދަލު ކުރެއްވި ސަބަބާ ބެހޭ ގޮތުން ސުވާލު އުފައްދާފައެވެ.
ދޮޅު އަހަރަށްފަހު، ނޫސްވެރިންނާ ބައްދަލުކޮށް އެހާ ދިގު ޕްރެޒެންޓޭޝަނެއް ރައީސް ދެއްވުމުން، ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ސުލައިމާން "އެކްސް"ގައި ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
މީގެ އިތުރުން އަދަދު ނޫހުގެ އެޑިޓަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ޕްރެޒެންޓޭޝަން ދިނުން ރައީސް "ހުއްޓުވަން" ޖެހޭ ކަމަށާއި މިއަދަނީ އެމަނިކުފާނުގެ ދުވަހެއް ނޫން ކަމަށެވެ. ފިޔާޒު އިޝާރާތް ކުރެއްވީ މިއަދަކީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހަށްވާތީއެވެ.
އެހާ ގިނައިރު ވަންދެން ރައީސް ޕްރެޒެންޓޭޝަން ދެއްވުމުން "ރާއްޖެޓީވީ"ގެ ނޫސްވެރިޔާ ޝައިހާން ޒަރީރު ބުނީ ރައީސް އޮފީހުގައި ރައީސް ދެއްވަނީ ޕްރެސް ކޮނަފަރެންސެއް ކަމެއް ނުވަތަ ޕްރެޒެންޓޭޝަން ކުލާހެއް ކަމެއް ސާފު ނުވާ ކަމަށެވެ.