ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ ސިލްސިލާ މުޒާހަރާ ތެރެއިން މިރޭ ހައްޔަރު ކުރި ދެ ޒުވާނުން ދޫކޮށްލުމަށް، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފިއެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ކުރައްވާ އަޒާން ވިދާޅުވީ މިހާރު ފެންނަމުންދަނީ ފުލުހުން ނުކުމެ ހަރުކަށި ކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މުޒާހަރާގެ ހަތް ވަނަ ރޭ ހައްޔަރުކޮށްފައި ވަނީ މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު، 19، އާއި ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު، 28، އެވެ. ފުލުހުން ބުނީ މަހްޒޫމަށް ކުރާ ތުހުމަތުގެ ތެރޭގައި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތު ހިމެނޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު މަހްޒޫމަށާއި ޝިމަންއަށް ވެސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
މިއުޒިކް ކުޅެ، ކެރަމް އާއި ޓެބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެމުންދަނިކޮށް، މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ޕެޕާ ސްޕްރޭ ޖަހައި ބަޔަކު ހައްޔަރު ކުރި މައްސަލާގައި ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
މިރޭގެ މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި މަގުތަކުގައި އަޑުއުފުލާފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށާއި ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެއެވެ.