މަޖީދީމަގު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި ޒުވާނުން މުޒާހަރާ ކުރަމުންދަނިކޮށް، އެތަނަށް ގަދަކަމުން ފުލުހުން ވަދެގަނެ ދެ ޒުވާނަކު ހައްޔަރުކުރަން މަސައްކަތް ކުރާ މަންޒަރު މިރޭ އާންމުވި ވީޑިއޯތަކުން ފެންނެއެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަތީ ޒުވާނުން އަޑުއުފުލުމަށް ސަފަކަށް އެތުރިގެން ތިއްބައެވެ.
އަތާ އަތް ގުޅާލައި، ކޮނޑަށް އަތްލައިގެން އެތުރިގެން ތިބި ޒުވާނުންގެ ތެރެއަށް ވަދެގަނެ، ހައްޔަރު ކުރި ދެ ޒުވާނަކަށް ގިނަ ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.
އެ ތުހުމަތުތައް ކުރަނީ ހައްޔަރުގައި މިވަގުތު ތިބި މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު، 19، އާއި ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު، 28، އަށެވެ.
ފުލުހުން ބުނީ މަހްޒޫމަށް ކުރާ ތުހުމަތުގެ ތެރޭގައި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތު ހިމެނޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު މަހްޒޫމަށާއި ޝިމަންއަށް ވެސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
މި ތުހުމަތުތައް އެ ދެ ޒުވާނުންނަށް ކުރުމުގެ ކުރިން ފުލުހުން ބުނީ އެއްވުން ރޫޅާލީ މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށްފަހުގައި ކަމަށެވެ.
"މަޖީދީމަގުފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް އިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުލުންފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެއެވެ،" ފުލުހުން މިރޭ ނެރުނު ބަޔާނުގައިވެއެވެ.
މިރޭ އެއްވުން ރޫޅާލި ގޮތަށް ގުޅޭ ގޮތުން ގިނަ ބައެއް ފާޅުކިޔުން ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ. އަދި ބާރުގޭ ބޭނުންކުރުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ ބާރުގެ ބޭނުންކުރިއިރު، ގިނަ ތުހުމަތުތައް މިކުރަނީ އިންސާފު ހޯދުމަށް ނުކުތް ދެ ޒުވާނަކަށެވެ. އިންސާފަށް ގޮވާލުމުން، ބޭއިންސާފާ ކުރިމަތިލާން މި ޖެހުނީ ޝިމަން އާއި މަހްޒޫމަށެވެ.