މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯ އިން ރޭ ބުނީ އެ އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 4.6 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައި ވަނީ 3.84 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީއަށް އަސަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހިންގުމުގެ ދާއިރާ އާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށް ބުންޏެވެ. ތެލުގެ ވޮލިއުމް އިތުރުވެ، ޖެނެރަލް ޓްރޭޑިން އާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، އެ ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށް ވެސް އެސްޓީއޯ އިން ހާމަކުރެއެވެ.

ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުންވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ހާއްސަކޮށް އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްހީ ހިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައި ދީފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކުވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިން ކަމަށާއި އެކަމުން އެ ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމިއޮތްކަން ހާމަވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުންއައިސްފައި ވަނީ މައިގަނޑު ގޮތެއްގައި އެ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރުމުންނެވެ.

ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސެންޓު ދަށް އަދަދެކެވެ. އެ ދަށްވުން އައިސްފައި ވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސްވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށްލަމެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަމާޒުކޮށްފައި ވަނީ ތެލުގެ ވިޔަފާރި އާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާތައް ތައާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.