ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވައިލައްވާނެއެވެ.
އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިގުރާރު ހުށަހަޅަން ވާނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިހްތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ސަރުކާރުން ބުންޏެވެ.
މިދިޔަ އަހަރު ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް އިތުރު 1000 ފުލުހުން ބޭނުންވާއިރު, އެކަށީގެންވާ ނަތީޖާއެއް ސްކޫލްތަކުގައި ނުލިބޭތީ މަގުމަތިވެފައި ތިބި އެތައް ބަޔަކު ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައިފައެވެ.
އެހެންވެ, އެފަދަ މީހުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން މަޖުބޫރުވާ ގޮތަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޕްރޮގްރާމް ވެގެން ދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު، 16 އަހަރުވެގެން އޯލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލް ކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ." އެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ޕްރޮގްރާމަށް އަހަރަކު 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.