ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ އެއް މަސް ދުވަހަށެވެ. ނަމަވެސް، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފަ އެވެ.
އެ މައްސަލަ އަކްރަމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުން ކަނޑައެޅީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށްވާތީ އެ އަމުރު ބާތިލްކުރާ ކަމަށެވެ.
އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.
އަކްރަމާއި އާރިފަކީ ކުރީގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ކުރީގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނެފައިވަނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.