ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ޖުމްލަ 9 މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
ޔުމްނު ވެއްޓުނީ މިމަހުގެ 18ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އެ ދުވަހު ހެނދުނު 7:30 ހާއިރު ކަމަށެވެ.
ޔުމްނު ވެއްޓުމުގެ ކުރީރޭ ޔުމްނު ހިމެނޭހެން އޭނާ އުޅުނީ ޖުމްލަ 8 މީހަކާއެކުގައެވެ. އަދި ޔުމްނު ވެއްޓުނު ހ. ފެންޓޯނިއޯ ނަމަކަށް ކިޔާ ގެއިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން 9 މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ. މީގެކުރިން އެ މައްސަލާގައި ހިމެނޭ މީހުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ މައްސަލާގައި ޝާމިލުވާ އެންމެންގެ ވަނަވަރު އާއްމު ކޮށްފައެވެ.
ވަނަވަރު އާއްމުކޮށްފައިވާ މީހުން:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
- އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
- އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ