މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއަކަށްފަހު، މަސްތުވެގެން ކަމަށް ބެލެވޭ ދެ މީހަކު ގެއަކަށް ވަދެ އުޅެނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު އަންހެން ކުއްޖާއާ އެކު، އުޅުނު ޒުވާނާ ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފިއެވެ.
ހައްޔަރު ކުރަންވެގެން އަމުރު ނެރުނީ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށެވެ. އޭނާ އަކީ އަންހެން ކުއްޖާ ވެއްޓުމާއި ހަމައަށް އެ ކުއްޖާއާއެކު ހުރި މީހާއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެ މައްސަލަ ރިވިއު ކުރާ ޓީމަށް ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެން ރެއާ ހަމައަށް އަޅުގަނޑުމެން މިކުރި މަސައްކަތުން ފާހަގަކުރެވެނީ ރިވިއު ޓީމުން ކުރި މަސައްކަތުން ފާހަގަކުރެވެނީ ކޮރޮބޮރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން ވެސް. އެހެންވީމަ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމަރަކަށް އަޅުގަނޑުމެން ވާނީ އެދިފައި،" ނަވީން ވިދާޅުވިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހާދިސާގެ ފުޓޭޖު އާއްމު ކޮށްފައެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ނޫސްވެރިން ގެންގޮސްގެން ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ބޭއްވި ބައްދަލުވުމުގައި ފުލުހުން ދެއްކި ފުޓޭޖާއި މިއަދު ދެއްކި ފުޓޭޖާ ތަފާތުތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ.
މި ހާދިސާގައި ހިމެނޭ ގ. ރަނައުރާމާގެއާގެ، ހައްވާ ޔުމްނު ރަޝީދާއި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އެ ރޭ ފަތިހު 4:30 ހާއިރު ވަންނަނީ ހ. ފެންޓޯނިއާގެއަށެވެ. އެ ގެއަށް އެންމެ ފުރަތަމަ ވަންނަނީ ޔުމްނުއެވެ. ޔުމްނު އެ ގެއަށް ވަންނަނިކޮށް ބިން މައްޗަށް ވެއްޓޭ މަންޒަރު ވެސް ފެނެއެވެ. އޭރު ރައުދު ހުންނަނީ ބުރުޒުމަގުގައި ސައިކަލެއްގައި ހުރި މީހަކާ ވާހަކަ ދައްކާށެވެ.
ސައިކަލުގައި އިން މީހާ ދިއުމުން ރައުދު ވަނީ ޔުމްނު ހޯދަން ފަށައިފައެވެ. ފެންޓޯނިއާގެ ދޮރު ކައިރިއަށް ވެއްޓިފައި އިން ޔުމްނު އެތަނުން ތެދުވެ، ރައުދުއަށް ގޮވައި އޭނާ އެގެއަށް ވައްދައެވެ. އެގެއަކީ އެ ދެމީހުންނާއި އެއްވެސް ވަރަކަށް ގުޅުމެއް އޮތް ގެއެއް ނޫނެވެ.
އެ ގެއަށް ވަނުމަށްފަހު ދެ މީހުން އެކުގައި ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އާއްމުކުރި ވީޑިއޯގައި އެ މަންޒަރު ދައްކާފައި ވަނީ ފުސްކޮށެވެ. އަދި އަންހެން ކުއްޖާގެ ޓީޝާޓު ބިންމައްޗަށް ވެއްޓިފައިވާއިރު އޭނާ ފަހުން ލާފައި ވަނީ ރައުދުގެ ޓީޝާޓުކަން އެނގެއެވެ.
އެއަށްފަހު އެ ދެ މީހުން އެކުގައި އެ އިމާރާތުގެ 8ވަނަ ފްލޯއަށް އަރައެވެ. އަދި އެގޭގައި ހުންނަ ސީސީޓީވީން އެލާމު އަޅަން ފެށުމުން އެ ދެ މީޙުން އެކުގައި އިމާރާތުގެ 9ވަނަ ފްލޯއަށް އަރައެވެ. އޭގެ އިރުކޮޅެއް ފަހުން ރައުދު އެކަނި ތިރިޔަށް ފައިބައެވެ.
ރައުދު ފޭބިތާ ކުޑަ ވަގުތުކޮޅެއް ފަހުން ޔުމްނު އެގޭގެ 8ވަނަ ފްލޯއަށް ފައިބައެވެ. އަދި ހަމަ ފޭބިތާ ކަހަލަ ގޮތަކަށް އަލުން 9ވަނަ ފްލޯއަށް އަރާ މަންޒަރު ފެނެއެވެ. އެއަށްފަހު ޔުމްނު ތިރިޔަށް ފޭބި މަންޒަރެއް ފުލުހުން ދެއްކި ސީސީޓީވީން ނުފެނެއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ރައުދު މައްޗަށް އަރާ މަންޒަރު ފެނެއެވެ.
މީގެއިތުރުން އެގޭގައި ހުންނަ ލިފްޓުން ވެސް އޭނާ އެ ފުލޯތަކަށް އަރައި ފައިބާ، ޔުމްނު ހޯދަން އުޅޭ މަންޒަރު ފެނެއެވެ. އަދި 8 ވަނަ ފުލޯއަށް އަރާ ސިޑިގޮޅީގައި ހުރި ފެންލައިޓުން ބޭރަށް ބޯދިއްކޮށް، ޔުމްނު އަށް ގޮވާ އަޑުވެސް އިވެއެވެ. ޔުމްނު އަށް ރައުދު ގޮވަނީ "ލޫލޫ"އޭ ކިޔައިފައެވެ.
މި މައްސަލައަކީ އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މައްސަލައެކެވެ. ރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ މަގުމައްޗަށް ނިކުމެ އަޑު އުފުލައިފައެވެ.