މާލޭގެ ގެއެއްގެ މަތިން ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ކުރަމުން އަންނަ ތުހުމަތުތައް އެމަނިކުފާނު މިރޭ ދޮގު ކުރައްވައިފިއެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 18ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ ދުވަހުން ފެށިގެން އޭނާ އަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ރޭ އެ ހާދިސާގެ މައުލޫމާތުތައް ނޫސްވެެރިންނާ ހިއްސާ ކުރަން ބޭއްވި ބައްދަލުވުމުގައި ބުނެފައިވެއެވެ.

ރޭގެ ބައްދަލުވުމުގައި އެ ހާދިސާއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ފުލުހުން މީޑިއާ އަށް ހިއްސާ ކުރިއެވެ. އަދި އެ ހާދިސާއާ ގުޅުންހުރި ބައެއް ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ވަނީ މީޑިއާތަކަށް ވެސް ހިއްސާ ކޮށްފައެވެ.

ފުލުހުން ރޭ ދިން މައުލޫމާތުގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގުމުގެ ކުރިން 8 މީހަކު ހިމެނޭ ގްރޫޕަކުން ގެއަކަށް ވަތް ކަމަށެވެ. ނަމަވެސް އެގޭގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި 18ވަނަ ދުވަހުގެ ރޭ 00:00 އާއި 00:30 އާއި ދެމެދު އެގެއިން ނިކުމެ އެހެން ގެއަކަށް ދިޔަ ކަމަށާއި އެގެއަށް ދިޔައީ އަންހެން ކުއްޖާ ހިމެނޭހެން ހަތަރު މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ހާދިސާގައި ހިމެނޭ މީހުންތައް ބައްދަލުވެފައިވާ އިމާރާތަކީ އޭނާ ވެސް ދިރިއުޅޭ އިމާރާތް ކަމަށެވެ. އެހެންނަމަވެސް އެ އިމާރާތަކީ ހަމައެކަނި އޭނާގެ ނަމުގައިވާ އިމާރާތެއް ނޫން ކަމަށާއި އެތަނަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން ކޮއްކޮގެ ނަމުގައި ރަޖިސްޓްރީ އޮތް އިމާރާތެއް ކަމަށެވެ.

އެތަނުގައި ހިނގި އެއްވެސް ކަމަކީ އޭނާގެ ބާރު ހިނގާ ތަނެއްގައި ހިނގި ކަމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ހިނގާފައިވާ ކަންކަމަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ހިމެނޭ ދެ މީހުންނަކީ އަމީނާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮތް ދެ މީހުން ކަމަށާއި އަދި އެ ހާދިސާއާ ގުޅިގެން އެ ދެ މީހުންނާއި ފުލުހުން ސުވާލުވެސް ކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އެ ހާދިސާގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އަމީން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ.

"އެންމެ ފޯނު ކޯލެއް ވެސް އަދި ގާނޫނު ތަންފީޒު ކުރާ އިދާރާގެ އެއްވެސް މީހަކަށް ގުޅާފައެއް ނުހުންނާނެ....." އަމީން ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ.....