ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓުތައް އިމާރާތް ކުރުމުގެ ނަމުގައި ހިންގާފައިވާ ހިޔާނާތުން ހޯދާފައިވާ މުދާތައް ދައުލަތަށް ނެގުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ޕޮލްކޯ އަކީ ފުލުހުންގެ ވެލްފެއާ ކުންފުންޏެވެ. އެ މައްސަލަ އޭސީސީން ބަލަމުން އަންނަނީ އަވަސް މައްސަލައެއްގެ ގޮތުގައެވެ.
ފުލުހުންގެ ފްލެޓުތަކަކީ 355 މިލިއަންގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއުއެއް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައިވެއެވެ. އަދި އެ ފްލެޓުތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބަލަން އިސް ނެގީ ވެސް އޮޑިޓަށް ފަހުއެވެ. އަދި އެކަމަށް ހާއްސަ ސަބް ކޮމެޓީއެއް އެކުލަވާލިއެވެ. ސަބް ކޮމެޓީން ވަނީ އޮޑިޓު ރިޕޯޓުގައި ހުރި މައުލޫމާތުތައް އިތުރަށް ދިރާސާކޮށް، އެ ރިޕޯޓުގައިވާ ބައެއް ކަންކަން މައި ކޮމެޓީއަށް މިއަދު ވަނީ ހިއްސާ ކޮށްފައެވެ.
މިއަދުގެ މާލިއްޔަތު ކޮމެޓީގައި ވަނީ ސަބް ކޮމެޓީގެ ރިޕޯޓުގައިވާ ކަންކަން ހުށަހަޅާފައެވެ. އެގޮތުން އެ ކޮމެޓީގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އައިލެންޑް އެކްސްޕާޓަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފުލުހުންގެ ބޯޑުން ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. އެ ކުންފުންޏަކީ ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ނުނިންމިގެން މަސައްކަތް ނިންމުމަށް ދެވަނަ އަށް ހަވާލުކުރި ކުންފުންޏެވެ.
ނަމަވެސް އެކުންފުނި އަތުން ވެސް އެ މަސައްކަތް ނެގީ މަސައްކަތް ނުނިމި ދިގުލައިގެން ދާތީއެވެ. އެ މަސައްކަތް އެކުންފުނީގެ އަތުން ނެގިއިރު 129.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް އިތުރަށް ދޫކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ ފައިސާތަކުން އައިލެންޑް އެކްސްޕާޓުން ވަނީ ހުޅުމާލޭން ބިމެއް ހޯދައި 17 ބުރީގެ އިމާރާތެއްގެ ކޮންކްރީޓް މަސައްކަތް ކޮށްފައެވެ. އަދި އެކުންފުނީގެ ޑިރެކްޓަރަކު ހުޅުމާލޭން ބިމެއް ގަނެފައިވާ ކަމަށާއި އެކަންކަމަށް ބާރު ލިބޭ ހުރިހާ ލިޔެކިއުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި އެސެޓުތަކަކީ ދައުލަތުގެ ފައިސާއިން އުފަންކޮށްފައިވާ އެސެޓުތަކެއް ކަން. އެހެންވީމާ، މި ރިޕޯޓުގައި އަޅުގަނޑުމެން މި ރެކަމެންޑުކުރަނީ،" ނާޒިމް ވިދާޅުވިއެވެ.
މިކަމުގައި އިހުމާލު ވެފައިވާ ފުލުހުންނަށް ވެސް ފިޔަވަޅު އެޅުމަށް ވެސް ސަބް ކޮމެޓީގެ ރިޕޯޓުގައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިދޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.