ރާއްޖޭގެ 56 ރަށެއްގައި 10،000އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަކިވަކިން ކޮށްފައިވާ އިއުލާންތަކުގައި ބުނެފައި ވަނީ އެ މަސައްކަތް ކުރަން ބޭނުން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.
ބީލަން ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" ގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ" ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"ގެ ދަށުން ކަމަށެވެ.
މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 އެޕްރީލް 2025 އިން 8 މޭ 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ 56 ރަށެއްގައި 10،600 ހައުސިން ޔުނިޓު އެޅުމަށް އިއުލާން ކޮށްފައެވެ.
މީގެ ތެރޭގައި 30 ހައުސިން ޔުނިޓުން ފެށިގެން 500 ހައުސިން ޔުނިޓު ވެސް އަޅާ ރަށްތައް އެބަހުއްޓެވެ. ބައެއް ރަށްރަށުގައި 550 ހައުސިން ޔުނިޓު ވެސް އަޅާނެ ކަމަށް އިއުލާނުގައިވެއެވެ. އެންމެ ގިނަ ހައުސިން ޔުނިޓު އަޅަނީ ހދ. ކުޅުދުއްފުށީގައެވެ. އެރަށުގައި 2،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް އިއުލާނުގައިވެއެވެ.