ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ފޮނުއްވި ހިތާބެއްގައެވެ. އެ ހިތާބުގައި ރައީސް ވިދާޅުވީ ދިވެހީންގެ އެވޭލާ ތާރީހުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް ދިވެހި ގައުމު، އެއް ވެރިކަމެއްގެ އަމުރުމައރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.

ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔާފައިވީ ނަމަވެސް، އެ ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ގައުމު ދިފާއުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ސިފައިން، އަމިއްލަ ނަފުސާ އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްހަލަތެވެ. ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންނެވެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިފަދަ ކޮންމެ ހުތޫރަތްތެރި ވަގުތަކުވެސް، "ގައުމުގެ ހައްގުގައި ހޭވައްލާ ތައްޔާރު"ވެ ހިދުމަތަށް އަވަސްވެގަތީ ދިވެހި ސިފައިން ކަމަށާއި ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ހާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުންދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.