އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާސްކުރުމުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ބިލު މީކާއިލް ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 29ވަނަ ދުވަހުއެވެ. ބިލު މަޖިލީހަށް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައި މިވަނީ ކޮމެޓީގައި ބިލު އޮތްތާ އަހަރު ދުވަސް ވާން ކައިރިވެފައި ވަނިކޮށެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. ބިލު ހުށަހެޅިއިރު އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތެވެ. ނަމަވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހަމައެކަނި ނިންމީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށެވެ.
މީގެއިތުރުން ވެސް އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ބިލަށް ބަދަލުތައް ގެނެސްފައި ވަނި ބިލު ހުށަހެޅުއްވި މަގުސަދު ހާސިލް ނުވާ ގޮތަށް ކަމަށެވެ. މީގެއިތުރުން ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު މީހުން އެތެރެވުން މަނާ ކުރަން ނިންމުމުން އެކަމާއި ވެސް އޭނާ ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. އެގޮތުން ހަމަލާތައް ހުއްޓާލިކަން ބަލަނީ ކޮން ހަމައަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެކަން ކަނޑައަޅަނީ ރާއްޖޭގެ ރައްޔިތުން މަޖިލީހުންތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ.
"އިއްޒަތްތެރި ރައީސް، އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުންދާ އިސް ފަރާތްތަކަށް އާދެވޭނެ ގޮތަށް ޑުއެލް ޕާސްޕޯޓުގައި ރާއްޖެ އާދެވޭނެ ގޮތަށް މި ބިލު މިއަދު ފާސްކުރަނީ އިއްޒަތްތެރި ރައީސް ހުޅަނގުގެ ގައުމުތަކުގެ ޕްރެޝަރަށް،" މީކާއިލް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ވެސް ކުރައްވަވައިފައެވެ.