ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް ހުޅުވާލައިފިއެވެ.

ސްކޮލަރޝިޕަށް ހުޅުވާލައިފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މިފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލެވުނުއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

މީގެ އިތުރުން 13 ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުން، މިޞްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާރސިޓީ އަދި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީ، ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީއިންނެވެ.

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސުޕަރ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ.