ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރެއްވުމަށް ތުރުކީން ނިންމައިފިއެވެ.
މި މަނަވަރަކީ ކަނޑުމަތީ މަނަވަރެކެވެ. މި މަނަވަރުން މިސައިލް ފޮނުވޭނެއެވެ. މި މަނަވަރު ތުރުކީން ރާއްޖޭގެ އަސްކަރިއްޔާ އަށް ހަދިޔާ ކުރަން ނިންމިކަން ހާމަކުރީ ޑިފެންސް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.
އެގޮތުން މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެ ސިޔާސަތު ތަންފީޒުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
"މިގޮތުން، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ވަރުގަދަ ކުރައްވައި، ގާބިލްކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ހާސިލްވުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުންވަނީ ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރެއްވުމަށް ނިންމަވާފައެވެ،" ޑިފެންސްގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އެ އުޅަނދު ދިވެހިރާއްޖެއަށް ގެނެސް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ ދިވެހި ސިފައިން އެ އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުވަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އެ އުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފްކުރެވުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ހާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޑިފެންސްގެ ބަޔާނުގައިވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އެ ދަތުރުގައި ރާއްޖޭން ތުރުކީއާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ.
އަދި އެ ދަތުރުފުޅަށްފަހު ރާއްޖޭން ވަނީ ތުރުކީން އަސްކަރީ ޑްރޯންތަކެއް ގަނެފައެވެ. މިހާރު ސިފައިން އަންނަނީ އެ ޑްރޯންގެ ބޭނުން ކުރަމުންނެވެ. އެގޮތުން ގެއްލިގެން ހޯދާ މީހުންނާއި ރާއްޖެއަށް ވަގަށް އެތެރެވާ އުޅަނދުތައް ދެނެގަތުމަށް ޑްރޯން އަންނަނީ ބޭނުން ކުރަމުންނެވެ.