ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނަވަނިކޮށް، ވަކިކުރެއްވި މުހައްމަދު ޝައްމާން ވަހީދު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާ އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރުމަށް ކުރި އަމުރުގެ އިސްތިއުނާފު މައްސަލަ ކުރިޔަށް ގެންދިއުމަށް ހައިކޯޓުން ނިންމައިފިއެވެ.
ޝައްމާން މަގާމުން ވަކި ކުރެއްވީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. އަދި މިދިޔަ މަހުގެ 22ވަނަ ދުވަހުގައި އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއެވެ. ޝައްމާންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ޝައްމާންގެ ފަރާތުން ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ޝައްމާން ހުށަހަޅާފައިވާ މައްސަލާގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމިއެވެ.
ކްރިމިނަލް ކޯޓުން ޝައްމާންގެ ބަންދަށް އެންމެ ފުރަތަމަ ދިން 15 ދުވަހުގެ ބަންދު މިހާރު ހަމަވެފައިވާއިރު އަލުން ކްރިމިނަލް ކޯޓުން ވަނީ ބަންދު މުރާޖާކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރުކޮށްފައެވެ.
ފުލުހުން ޝައްމާން ހައްޔަރުކުރިއިރު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާއާއެކު އެ އިދާރާގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީއަކު ޝައްމާންގެ އަމުރަށް ދޫކޮށްލާ އޭނާގެ އަތުން ގިނަ އަދަދެއްފެ ފައިސާ ނެގި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ޝައްމާން ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައެވެ. އަދި އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ޝަމްއާންގެ ގެ ބަލައިފާސްކޮށް 257،475ރ. އަދި 10،000 ޑޮލަރާއި އިތުރު އެހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.