އދގ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ މިއަހަރުގެ ބައްދަލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވީ ޝާހިދެވެ. މިއަހަރުގެ ޔޫއެން ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުން އޮތީ ސްލޮވާކިއާގެ ބްރަޓިސްލާވާ ގައެވެ. މިއަހަރުގެ ބައްދަލުވުމަކީ އެ ކައުންސިލްގެ އެންމެ ގިނަ މެމްބަރުން ބައިވެރިވި ޖަލްސާކަން ސްލޮވާކިއާގެ ފޮރިން މިނިސްޓަރު ޖުރާޖް ބްލަނަރ ފާހަގަކުރެއްވިއެވެ.

އދގެ އާއްމު މަޖިލީހުގެ މިދައުރުގެ ރައީސް ކެމަރޫންގެ ފިލެމޯން ޔެންގްގެ އުތުރުން ކުރިން ރައީސްކަން ކުރެއްވި 16 ބޭފުޅުން މިއަހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމަށްފަހު ނެރުނު ގަރާރުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި ގަތުލުއާއްމު ކުއްވެރިކޮށްފައިވެއެވެ.

އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އެކުލަވާލެވޭނެ 'ޓޫ ސްޓޭޓް ސޮލިއުޝަން' އަކަށް ދެވޭނެ ސުލްހައިގެ މަގެއް ހޯދުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ލަފާ އަރުވާފައިވެއެވެ. ކައުންސިލުން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ އަދި ވިސްނުމަކީ ސްލޮވާކިއާގެވެސް ވިސްނުން ކަމަށް ސްލޮވާކިއާގެ ފޮރިން މިނިސްޓަރު ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އދގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ހަމަވުމުން، ދެން އެމަގާމަށް ބޭފުޅަކު އައްޔަންކުރުމުގައި، ސަލާމަތީ މަޖިލީހުން އާއްމު މަޖިލީހަށް އެއް ނަމަށްވުރެ ގިނަ ނަން ހުށަހެޅުމަކީވެސް އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ލަފައެކެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ޕްރޮސެސް މިހާރަށްވުރެ ހަރުދަނާކުރުމަކީ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހުންނެވިރުވެސް ވަކާލާތުކުރެއްވި ކަމެކެވެ. އަދި އދގެ އާއްމު މަޖިލީހުގެ ދެން އަންނަ ދައުރެއްގެ ރިޔާސަތަށް އަންހެން ބޭފުޅަކު ގެންނަވަން ވެސް ބާރުއެޅުއްވިއެވެ.

ސްލޮވާކިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ އެގައުމުގެ ބޮޑުވަޒީރު ރޮބާޓް ފީކޯ އާއި ބްރަޓިސްލާވާގައި އިއްޔެ ބައްދަލުކުރައްވާފައެވެ.