ދުންފަތް މަނާ ކުރަން ގިނަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ނެންގެވި ޕޯލްގައި ގިނަ ބަޔަކު ވޯޓު ދިނީ، 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް މަނާ ކުރަން ކަމަށް އެ ޕޯލުން ދައްކައިފިއެވެ.

އެ ޕޯލުގައި 5،501 މީހުން ވޯޓު ދިންއިރު 51 ޕަސެންޓު މީހުން ވަނީ 2000ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރަން ބޭނުންވާކަން ހާމަ ކޮށްފައެވެ. 47 ޕަސެންޓު މީހުން ބޭނުން ވަނީ 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިން ހުށަހެޅުމެއް ހުށަހަޅައިފައެވެ.

އެ ވާހަކަ ރައީސް އެންމެ ފުރަތަމަ ހިއްސާ ކުރެއްވެވީ، ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމުގައެވެ.

އެ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވަނީ އެކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރު ނާޒިމާ ހަވާލުކުރައްވާފައިވާކަން ހާމަ ކުރައްވައިފައެވެ.

އަދި އެ ކަރުދާސް ތައްޔާރުކުރުމުގައި އެކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

"އަޅުގަނޑު ހަގީގަތުގައި ވެސް މިއުޅެނީ މައްސަލަ ހައްލު ކުރަން ވެގެން. އަޅުގަނޑުމެންގެ ޅަދަރީން ތުއްތު ކުދީން ހާއްސަކޮށް، ނުރަނގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލައިގެން ސަރުކާރެއް އޮންނަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،" ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރެއްވިއެވެ.

ޖެނެރޭޝަނަލް ބޭންގައި ރައީސްގެ ހުށަހެޅުއްވުންތައް:

- 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

- 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

- 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން ގޮތް ހުށަހެޅުއްވުމުގެ ފަހަތުގައިވާ ސަބަބުވެސް ހާމަކުރައްވާފައެވެ. އެގޮތުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.