ފުލުހުންގެ ހިދުމަތަށް 100 އަހަރުވާން އޮތީ އެންމެ 8 އަހަރު ކަމަށާއި އެހާ ހިސާބަށް ދާންވާއިރަށް ދިވެހި ފުލުހުންގެ ހިދުމަތަކީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ޒަމާނީ ހިދުމަތެއްގެ ގޮތުގައި އޮންނަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 92ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް ފޮނުއްވި ހިތާބުގައި ރޭ ވިދާޅުވީ ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ހުރުމަތްތެރި، ގައުމަށް ހިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާގައި ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ގާބިލ އެތައް ދަރީންނެއް ތިބި ކަމަށާއި ތަފާތު އެކި ހުނަރުތަކާއި ތައުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު ވެފައިވާކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

"ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކޮށް، ރައްޔިތުންނަށް ބޭނުންވާނެ ހިމާޔަތް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފުލުހުން ގެންދަނީ އައު އެތައް ކަމެއް އުނގެނި، ޢަމަލީ ތަޖުރިބާތައް ހާސިލު ކުރަމުންނެވެ،" ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ގާނޫނު ތަންފީޒުކުރުމަށް ޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންވާނީ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ނަމޫނާ ދައްކާ ބަޔަކަށް ފުލުހުން ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާއި މުއާމަލަތް ކުރުމުގައި އަހްލާގީ ރީތި ހަމަތައް ހިފެހެއްޓުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާއި މުޖުތަމައު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާތީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބަޔެއްގެ ގޮތުގައި ފުލުހުން ދެމި ތިބުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.