މި މަހުގެ 12ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބިދޭސީންގެ އަތުގައި ސައްހަ ލިޔެކިއުންތައް ހުރި ކަމަށް ފުލުހުން ބުނެފިއެވެ.
އެ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކުގެ ތެރެއިން އެކެއްގެ އަތުން، ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ އޭރުގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދުގެ ގެއިން ވަނީ ފެނިފައެވެ. އެ މައްސަލާގައި ޝައްމާން ހިމެނޭހެން ފަސް މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން އެއިދާރާގައި އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުން އެނގުނު ގޮތުގައި މިމަހުގެ 12ވަނަ ދުވަހުގެ ރޭ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން ހިންގާފައި ވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި، އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންއަށް އޮޕަރޭޝަނާ ބެހޭ މައުލޫމާތު ކުރިން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ މޯލްޑިވްސް އިމިގްރޭޝަންގައި އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް 3 މުވައްޒަފުން ކަމަށްވެސް ފުލުހުން ބުންޏެވެ. މި މުވައްޒަފުންނަކީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތްކުރާ ތިން މުވައްޒަފުން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި 7 ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ވަޒީފާގެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ 3 މުވައްޒަފުން ބިދޭސީން ދިރިއުޅެމުން ދިޔަ ގެ ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ. އޭގެފަހުން އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް އެތަނަށް އެރޭ ގެނެސް، އަލުން ސީން ޕްރޮސެސްކޮށް ހައްޔަރުކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް، އަދި އެމީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި އޮޕަރޭޝަންގައި ހައްޔަރުކުރި 7 ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި، ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، ގިނަ އަދަދެއްގެ ފައިސާ އެމީހާގެ އަތުން ފެނުނު މީހަކު 2023 ވަނަ އަހަރުގެ މާރިޗް 13 ވަނަ ދުވަހުގެ ދަންވަރު ސްޓާރ ކްލައުޑްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހަށް ގެންގޮސްފައިވެއެވެ. އެ ބިދޭސީމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުން، އެކަން "އަރޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވެއެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ދޫކޮށްލެވުނު ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި ފަރާތަކީ ދިވެހި ރައްޔިތެކެވެ. އަދި އެއީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެމްބަރެކެވެ. އަދި، ބިދޭސީ މީހާ ހައްޔަރުކުރެވުނުއިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ އޭނާ ދޫކޮށްލިއިރު، ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ޝަމްއާންގެ ގެ ބަލައިފާސްކޮށް 257،475ރ. އަދި 10،000 ޑޮލަރާއި އިތުރު އެހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.