ކުރި އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީން ވީ ކަމަށް ދެކިގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ރަމަޟާން މަހަށްފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބޭށެވެ،" މި މައުޟޫއަށެވެ.
ހުކުތުބާގައި ބުނީ ކުރީން ކޮށްފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި އެ އަމަލުތަކަށްޓަކައި އަމިއްލަ ނަފްސަށް ބޮޑާވެ، ފަހުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ އަމަލުތައް ބާތިލުވެދާނެ ކަމަށެވެ.
އެކަމުގެ ދަލީލެއްގެ ގޮތުން ކަހުފް ސޫރަތުގައިވާ ދެ ފިރިހެނުންގެ ވާހަކަ ހުތުބާގައި ހަނދާން ކޮށްދީފައިވެއެވެ.
"އެ ދެ މީހުން ކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ މާތް ރަސްކަލާންގެ ދެއްވިއެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރު ރުއްތައް ލެއްވިއެވެ. އަދި އެ ދެ މެދުގައި ދަނޑުގޮވާން ވެސް ލެއްވިއެވެ. އެއިން އެއްވެސް އެއްޗަކަށް އުނިކަމެއް ނާދެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ވެސް އެކަލާނގެ ދައުރުވާ ގޮތަށް އޭނާއަށް ލެއްވިއެވެ،" ހުތުބާގައި ބުނެފައިވެއެވެ.
ނަމަވެސް އެ ނިއުމަތްކަކަށް ބޮޑާވެ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން "ކަލެއަށްވުރެ އަހަރެންގެ މުދާ މާ ގިނައެވެ. އަދި އަހަރެންގެ ދަށުގައިވާ މީހުން ގިނަކަމުގެ ގޮތުން، ގަދަފަދަވެފައިވާ އިއްޒަތް ބޮޑު.." ކަމަށް ބުންޏެވެ.
އެ ބޮޑާ ބަސްތަކުގެ ސަބަބުން އޭނާގެ މުދާތަކާއި ބަގީޗާ މާތް ރަސްކަލާންގެ ހަލާކުކުރައްވައި ނެތި ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ނަސޭހަތްތެރިވެފައި ވަނީ ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބުމަށެވެ.
ހުތުބާގައި ބުނީ އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނެ ކަމެއް ނޫން ކަމަށާއި އެހެނީ ރަމަޟާންމަހު ވެރި ރަސްކަލާންގެއަކީ އެހެން މައްސަތަކުގެ ވެސް ވެރި ރަސްކަލާންގެ ކަމަށެވެ.
"މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި މާތް ރަސްކަލާންގެއަށް އަޅުކަންކުރާންޖެހޭ ބައެއް ނޫންނެވެ. މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.