އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުދެއްކެވި ކަމަށް ބުނާ މައްސަލާގައި ބިރު ދެއްކެވުމުގެ އިބާރާތެއް ރައީސް ބޭނުން ކުރައްވާފައި ނުވާ ކަމަށާއި އެހެންވެ އެމަނިކުފާނާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވާފައި ހުންނަވައިގެން ކަމަށް ފިޔާޒް ވިދާޅުވެފައިވެއެވެ.
އެ މައްސަލަ ފުލުހަށް ފިޔާޒް ހުށަހެޅުމުން ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް އެ މައްސަލަ ފުލުހުން ފޮނުވިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބިރު ދެއްކުން ނުވަތަ އިންޒާރެއް ކަމަށް ބެލެވޭ އިބާރާތެއް ރައީސް މުއިއްޒު ބޭނުން ކުރައްވާފައިވާ ކަމަށް ނުބެލެވޭތީ އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.
ގާނޫނުލްއުގޫބާތުގައި އިންޒާރެއް ދިންކަމަށް ބެލެވޭނެ ކަމަށް ބުނެފައި ވަނީ މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި އިންޒާރެއް ދިންކަމަށް ބަލާފައި ވަނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ.
ޕީޖީން ބުނީ ފިޔާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، އެއީ ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށް ނުވާ ކަމަށެވެ.
އަދި އެއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު