ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ބޮއްސުންލާފައިވާ ކަމަށް ބުނެ، ތެލެސީމިއާ ބަލި މީހުންނާއި އެ މީހުންގެ ބެލެނެވެރިން ރޭ މުޒާހަރާ ކޮށްފައި ވަނިކޮށް، ރައީސް މިއަދު ވަނީ އެ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައިފައެވެ.
ރޭ މުޒާހަރާ ކުރި މީހުން ބުނެފައި ވަނީ އެތަނުގެ ހިދުމަތްތައް ދެނީ ސިއްހީ ހިދުމަތެއްކަމުގައި ދެކިގެން ނޫން ކަމަށާއި ސަރުކާރު ބަންދުވާ ދުވަަސްތަކުގައި ވެސް އެތަން ބަންދުކުރާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ލޭ ނޭޅި ބައެއް ކުދިން ހާލަތު ދަށްވާ ކަމަށް ބެލެނެވެރިން ބުންޏެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަދު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ އިސްވެެރިންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާ ތަނުގެ ހާލަތު ވަރަށް ތަފްސީލުކޮށް އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ކަންކަން ހައްލު ކުރާނެ ގޮތުގެ އެންގެވުންތަކެއް އަންގަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން ތެލަސީމިއާ ސެންޓަރުގައި ޑިރެކްޓަރު ޖެނެރަލްއަކު ނެތި އެތަން ހިންގަމުން އަންނަ މައްސަލަ ވެސް ހައްލު ކުރައްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެތަން ހިންގަން ޑިރެކްޓަރ ޖެނެރަލެއް ނުލައި 2017 ވަނަ އަހަރުން ފެށިގެން އަންނަކަމަށްވަނީ. އެކަން ވަގުތުން ހައްލުކުރެވޭނެގޮތެއް އަޅުގަނޑުވާނީ ދަންނަވާފައި. އަދި ނަރުހުން މަދުވާހަކަ، ނަރުހުން ހޯދޭނެގޮތް، އަދި ސީނިއަރ ފިޒީޝަނެއް ހަމަޖެއްސުމާއި، ތަނަށް ބޭނުންވާނެ ވަސީލަތްތައް، އެކި ކަހަލަ އާލާތްތައް ހޯދޭނެގޮތް، ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި އެކި މުވައްޒަފުން، ލެބޯޓްރީ ޓެކްނީޝަނުންނާއި މިހެންގޮސް އެކި މުވައްޒަފުން ހޯދުމަށް...." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރަށް ސަރުކާރުގެ އިސްވެެރިން މީގެކުރިން ވެސް އައިސްފައިވާ ކަމަށެވެ. އަދި އެތަނުގެ އިސްވެެރިންނާއެކު ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައި ނުވާކަން އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"ގައިމުވެސް ސަރުކާރުގެ އެކި ފަރާތްތަކަށް ތެލަސީމިއާ ކަންކަމުގައި އުޅޭ ފަރާތްތަކުން ބައްދަލުކޮށްފައިވޭ މީގެކުރިން އަހަރެއްހާ ދުވަސްކުރިން. ދެތިން ފަހަރުމަތިން ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައި އެބައޮތް ލިޔެކިޔުންތަކުގައި. ނަމަވެސް އަމަލީ ސިފައެއް ނައިސްއޮތީ. އެހެންވީމަ އިންޓަރނަލީ ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަން ވާނީ އަޅުގަނޑު ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތެލަސީމިއާ ސެންޓަރަށް ބަދަލުތައް ގެނެވޭނެ ކަމަށެވެ.