އެމްޑީޕީ މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ އިސް ސަފުގައި ހަރަކާތްތެރިވި ދެ އެކްޓިވިސްޓެއްގެ ގަޔަކަށް މިރޭ ކަޅުތެޔޮ ޖަހައިފިއެވެ.

ކަޅުތެޔޮ ޖަހައި ހަމަލާދީފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރު (މަންދި) އާއި ހުސައިން ލަމްއާންގެ ގަޔަށެވެ.

އެމްޑީޕީ ސިލްސިލާ މުޒާހަރާގެ 10 ވަނަ ރޭގެ އެއްވުން ނިންމާލުމަށްފަހު، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށް، އެ ހަމަލާ ދިނީ ކަލާފާނުހިނގުމުގައި ހުންނަ، ވުޑްބެރީ ރެސްޓޯރަންޓް ކުރިމަތިންނެވެ.

ސިލްސިލާ މުޒާހަރާގެ 10 ވަނަ ރޭގެ އެއްވުން: އިސް ސަފުގައި ތިބީ ވެސް އެ ދެ މީހުން-- ފޮޓޯ/ ހަތާވިސް

ކަޅުތެޔޮ ޖެހި މީހުން ތިބީ ހެލްމެޓާއި މާކްސް އަޅައި މޫނު ނިވާކޮށްގެންނެވެ. މަންދި ގަޔަށް ކަޅުތެޔޮ ޖެހުމަށްފަހު އެކަން ކުރި މީހުން ވަނީ ފިލާފައެވެ.

މަންދި ބުނީ އޭނާއަށް މަގުމަތިން އެ ހަމަލާ ދީފައި ވަނީ ވަކި ބަޔަކު އަންގައިގެން ކަމަށެވެ.

މަންދި ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މުޒާހަރާގައި ދެއްކި ވާހަކައަކާ ގުޅިގެން ތިން ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނިކޮށެވެ.

މުޒާހަރާގައި މަންދި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެކަމަނާގެ ގޭތެރޭގެ ކަންކަން ނުބެލެހެއްޓެވުމުގެ ސަބަބުން ކުއްޖަކު "ވޭޕް" ކުރަން ފެށި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖޭގައި ވޭޕް މަނާކުރި ކަމަށެވެ.

މަންދިގެ ސެކިއުރިޓީއެއްގެ ގޮތުގައި މަންދިާ އެކު، އެހެން ސައިކަލެއްގައި ދުއްވާފައިދިޔަ ލަމްއާން ބުނީ ހަމަލާދިން މީހުން ދިޔައީ މަންދިއަށް ފާރަމުން، ފަސްފަހަތުން ކަމަށެވެ. މަންދިއާ އަރާހަމަވެ، ލޮލަށް ކަޅުތެޔޮ ޖެހުމަށްފަހު އަތުން ހަޑިހުތުރު ވައްތަރު ޖެއްސުމަށްފަހު އެ ދެ މީހުން ފިލާފައިވާ ކަމަށް ލަމްއާން ބުންޏެވެ.

އެ ހަމަލާ ހިނގި ތަނަށް ފުލުހުންގެ ތަހުގީގު ޓީމު ގޮސް، ފޮރެންސިކް އެވިޑެންސް ވެސް މިރޭ ނެގިއެވެ.