އެއްވުންތައް ރޫޅާލުމުގައި ކަމާބެހޭ މުއައްސަސާތަކުން ބާރުގެ ބޭނުން ކުރާއިރު، ގާނޫނީ އިމުގެ ތެރެއިން އެ ބާރުގެ ބޭނުން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މާލޭގެ މަގުތަކަށް ނުކުމެ، ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް މިމަހުގެ 8ވަނަ ދުވަހު ފަށައިފައެވެ. އެ އެއްވުން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކޮންމެ ރެއަކުހެން އަންނަނީ ކުރަމުންނެވެ. އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުން އެމްޑީޕީގެ އެއްވުންތައް ވަރަށް ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.
އެކަމާއި ގުޅިގެން މިރޭ އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި ގާނޫނީ އިމުގެ ތެރެއިން އެއް ހައްގުގެ ބޭނުން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ އެއްވުންތައް ކަވަރު ކުރާ މީޑީއާތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް މީޑިއާތަކަށް ވެސް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް އިލްތިމާސް ކުރާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
"މުޒާހަރާގައި ބޭރުގެ ބޭނުންކުރާ ހާލަތްތަކުގައިވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.
މުޒާހަރާތަކުގެ ތެރެއިން ފާހަގަވި ބައެއް ކަންކަން ހާމަކުރަމުން އެޗްއާރްސީއެމުން ބުނީ ރޭގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކަރާމަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް މުހާތަބުކޮށްފައިވާ ކަމަށާއި މިއީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވާއިރު މިކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި އެޗްއާރްސީއެމް އިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މީގެއިތުރުން އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލައިފައެވެ.
ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ލިބިދީފައިވާ ބައެއް ކަމަށާއި އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލައިފައެވެ.
ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރާއިރު އަނެކުންގެ ހައްގުތަކަށް އުނިކަން ނުލިބޭ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު އެ ހައްގުގެ ބޭނުން ހިފުމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ގޮވާލައިފައިވެއެވެ.
އެމްޑީޕީގެ މުޒާހަރާ އިން އިތުރަށް ފެނިފައިވާ ކަންކަމަށް ބަލާއިރު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އެކަންކަން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން އަޑުގަދަ ކުރާ ބޭނުން ކޮށްގެން މާލޭގެ މަގުތަކާއި ގްރީން ޒޯން (މުޒާހަރާތަކާއި އެއްވުންތައް ކުރިޔަށް ގެންދިއުން މަނާ ސަރަހައްދު) އަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"މުޒާހަރާ ކުރުމުގައި އާއްމުންނާއި ޓްރެފިކަށް ދަތިނުވާނެ ގޮތެއްގެ މަތީން މުޒާހަރާތައް އިންތިޒާމު ކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތުދީ އެއްވުންތައް ރޫޅާލަން ޖެހޭ ހާލަތްތަކުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.