ބޯކޮށް ވަރޭވެވޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން، އިތުރު ދެ ޕަމްޕު ގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ އެ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ހެންވޭރު ކޮޅުގައި ކަމަށެވެ. ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭވުމަކީ، ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ވެސް، ޢާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށާއި އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަނު ކޮޅުގައި ކަމަށް ވެސް ވިދާޅުވިއެވެ.
"މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20، 30 އަހަރު ވެއްޖެ. މި ކަންހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުންލިބޭ،" އާޒިމް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މާލެ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ހާއްސަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕު ތަކެކެވެ. މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުން ވެސް ފެން ހިންދައެވެ.
މާލޭ ސިޓީ ކައުންސިލުން ފެން ހިންދުމަށް މި އަހަރުގެ ކުރީ ކޮޅު ރާއްޖެ ގެނައި ދެ ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް، ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، އެ ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތައް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.