ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީން މިހާރު މާލޭގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މިރޭ އެޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދު (ގައްބެ) ހައްޔަރުކޮށް، އޭނާއަށް ސީރިއަސް ތުހުމަތުތަކެއްކޮށްފިއެވެ.

މިރޭގެ މުޒާހަރާގައި ގައްބެ އާއެކު، އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން (ޝަޒިންޓެ) ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ އެ މުޒާހަރާ އިން ހައްޔަރުކުރީ އެކަކު ކަމަށެވެ. އޭނާ ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން މިރޭ ދާން އުޅެނިކޮށް، ފުލުހުން ހުރަސް އެޅުމުން އެ ސަރަހައްދުގައި ފުލުހުންނާއި މުޒަހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް މަސައްކަތްކޮށްފައެވެ. އެއަށްފަހު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަނެ، ޝަޒިންޓެ އާއި ގައްބެ ވަނީ ހައްޔަރުކޮށްފައެވެ.

އެމްޑީޕީ މާލޭގައި ސިލްސިލާ މުޒާހަރާތައް ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ގޮވާލަމުންދަނީ ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުމަށާއި ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށެވެ.