ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓަށް ކުރިމަތިލައި، އެ ފްލެޓު ނުލިބުނު ފަރާތްތަކުން އިތުރަށް ބޯހިޔާވަހިކަމުގެ މަޝްރޫއު އަކަށް ކުރިމަތިލާން ނުޖެހޭނެ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ފަރާތްތަކަށް ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައި ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 27ވަނަ ދުވަހު ނެރެފައިވާ ފްލެޓު ލިސްޓުގެ ވަގުތީ ލިސްޓު ނެރެފައި ވަނީ 15 ނޮވެންބަރު 2023 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވުނު ލިސްޓުގައި ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކާއި ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށްފަހު ދީފައިވާ ލަފައާއި ގުޅިގެން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހުރި މައުލޫމާތު ބަލައި ސައްޙަކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދެވުނު މަސައްކަތަށްފަހު ކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތައް-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

އެ ލިސްޓުގައި ހިމެނެނީ 15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓުގައި ބަޔާންވެގެންވާ ފަދައިން 3 ކޮޓަރި ފްލެޓަށް އެދި ފޯމު ލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓް ލިބި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި، 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެ ކަމަށް އިޢުލާންކޮށްފައިވާ ފަރާތްތަކާއި، އަދި 2 ކޮޓަރި ފްލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބި ފްލެޓް ލިބޭނެކަމަށް އިއުލާންކޮށްފައިވާ ފަރާތްތައް ކަމަށް ވެސް ބަޔާނުގައިވެއެވެ.

"އެނޫން އެއްވެސް ފަރާތެއްގެ ފޯމެއް މި މަރުޙަލާގައި ބަލައި ޗެކްކޮށްފައިނުވާނެއެވެ. އަދި ފްލެޓް ދިނުމުގައި ޢަމަލުކުރާނެ އާ އުޞޫލެއްވެސް އެކަށައަޅާފައެއް ނުވާނެއެވެ. މިކަމުގައި ޢަމަލުކޮށްފައިވަނީ ލިޔެ ރަސްމީކޮށް އިޢުލާނުކޮށް ޝާއިޢުކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި ފޯމުތައް އިވެލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށެވެ،" މިނިސްޓްރީން ބުންޏެވެ.

އެ އުޞޫލު އަދި ގައިޑްލައިނަށް ޢަމަލު ކުރުމުގައި ހުރިހާ ފަރާތަކަށްވެސް ހަމަހަމަ ވާނެހެން ވީހާވެސް ބޮޑަކަށް ލުއި ކުރެވޭތޯ ބަލާފައިވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށްވެސް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާއި އެ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑަނޭޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"ކައުންސިލްތަކުން ދީފައިވާ ލިޔުންތަކު ތެރޭގައި ފާހަގަ ކުރެވިފައިވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތަކެވެ. ވުމާއެކުމި ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެކެވެ" ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވެރިފިކޭޝަނަށް ފަހު ނެރެފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ ފުރުސަތަކީ ވެރިފިކޭޝަންގައި މިނިސްޓްރީން އެޕްލިކޭޝަން ފޯމެއްގައި ހުރި މައުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް ބެލުމުގައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަން ރަނގަޅު ކުރުމަށް ދެވިފައިވާ ފުރުސަތެއް ކަމަށޭވެ.

އިތުރު ލިޔުންތައް ހުށަހަޅަން ފުރުޞަތު ނުދެވެނީ މިއީ އިވެލުއޭޝަނަށްފަހު ނެރެވުނު ވަގުތީ ލިސްޓާއި ގުޅިގެން ހުޅުވާލެވުނު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވި ފައިނަލް ކުރެވިގެން ނެރެފައިވާ ލިސްޓެއް އިތުރަށް ޗެކް ކުރަން ކުރެވުނު މަސައްކަތަކަށްވާތީ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.