ދިވެހި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ފުދުންތެރި ބަޔަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި ހިތާބެއްގައި މިއަދު ވިދާޅުވީ، ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުއެވެ. އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުމެވެ. ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމެވެ،" ހިތާބުގައިވެއެވެ.

ރައީސް ވިދާޅުވީ މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ރާއްޖޭގައޖ ގިނައީ އަންހެން ހިދުމަތްތެރީން ކަމަށެވެ. ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ ވަނަތަށް ގިނަ ކަމަށާއި ޘާނަވީއާއި މަތީ ޘާނަވީ އަދި ޔުނިވާސިޓީ ތައުލީމުގެ މަރުހަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީވެސް އަންހެން ދަރީންގެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، މިއީ ދިވެހި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައި ދެންނެވިދާނެއެވެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހިތާބު ނިންމާލައްވަމުން ވިދާޅުވީ ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންތަކެއް ކަމަށެވެ. އަދި ދިވެހި އަންހެނުންނަކީ ދިވެހި އާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންތަކެއް ކަމަަށްވެސް ރައީސް ވިދާޅުވިއެވެ.