އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަން މިހާތަނަށް އޭސީސީން ބުނެ ނުދޭ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު އަޒްމިރަލްދާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމީ އޭސީސީން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެ މައްސަލައިގެ ތަފްސީލް މިހާތަނަށް ވެސް އެ ކޮމިޝަނުން ނުދޭ ކަމަށެވެ.

"ފަނޑިޔާރާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށް ޖޭއެސްސީން ބުނާތީ އެ މައުލޫމާތުތައް ހޯދުމަށް އޭސީސީއަށް ލިޔުމުން ހުށަހެޅުމުން ވެސް މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައެެއް ނުވެ އެވެ." ބަޔާނުގައި ވަކީލް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރަން ނިންމުމުގައި ޖޭއެސްސީން އަމަލުކުރި ގޮތާއި އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހޯދަން އެ ކޮމިޝަނަށް ފޮނުވި ސިޓީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް އޭނާ ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް އެ މައްސަލައާ ގުޅުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކުން މަސައްކަތް ކޮށްފައިވާތީ އެ މައްސަލަ ބަލައިދޭން އޭސީސީއަށް ހުށަހެޅި ކަމަށާއިި ނަމަވެސް، އެކަމުގައި ކޮރަޕްޝަންގެ ކުށެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ބުނެ މައްސަލަ އެ ކޮމިޝަނުން ނުބަލަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ތިން ފަނޑިޔާރުން މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށްފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.