ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް، ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދުކޮށް ވޯޓު ނުދިނީ އެ ބިލަކީ / އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވުމުން ކަމަށް ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަކީ އިއްޔެ މަޖިލީހަށް ބަލައިގަނެ، އިއްޔެ ކޮމެޓީ ބޭއްވުމަށްފަހު ކޮމެޓީން ފާސްކޮށްފައިވާ ބިލެކެވެ.މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސް ކުރަން ވޯޓު ދެއްވީ ހަމައެކަނި ޕީއެންސީގެ މެންބަރުންނެވެ.

ނަމަވެސް އަޒާން އެ ބިލަށް ވޯޓު ދެއްވާފައެއް ނުވެއެވެ. އޭނާ ވަނީ ވޯޓަށް އެހި ވަގުތު މަޖިލިސް ތަޅުން ދޫކުރައްވާ ނިކުމެވަޑައިގެންފައެވެ.

އަޒާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންނާއި ގައުމީ މަސްލަހަތަށްވުރެ އިސްކަން ދޭން ޖެހޭ އެހެން އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ރައްޔިތުން ކުރިމައްޗަށް ހުއްޓި ހުރެ އޭނާ އެ ޔަގީންކަން ރައްޔިތުންނަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް އޭނާ ތާއީދު ނުކުރެއްވީ އިންތިހާބުކުރި ރައްޔިތުންނާއި ރާއްޖޭގެ ގާނޫނީ ދާއިރާގައި އުޅޭ ވަކީލުންނާއި ކުރީގެ ފަނޑިޔާރުން އަދި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި މި ސަރުކާރުގެ ކެބިނެޓުގައި ވެސް ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަޝްވަރާ އަށް ފަހު ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީއާ އެ ބިލު ހިލާފު ކަމަށާއި އެހެންކަމުން އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފުވާނެ ކަމެއް ކަމަށެވެ.

ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އުޅޭ ނަމަ ޖުޑިޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށް ވެސް ބަޔާނުގައި އަޒާން ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ، އެމަގު އިހުތިޔާރު ނުކޮށް ގާނޫނު އިސްލާހު ކުރުމަށް ނިންމުމަކީ މަޖިލީހުން ނިންމި ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ދުސްތޫރީ ބޮޑު މައްސަލައެއް ހިނގަމުން އަންނަ ދަނޑިވަޅެއްގައި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.